Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޝެއިހް ފަޒުލޫން ދޫކޮށްލައިފި

މިދިޔަ މަހު މާލޭގައި ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި އިވެންޓަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޝެއިހުންގެ ތެރެއިން ފަޒުލޫން މުހައްމަދު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކީގަ އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. ފަޒްލޫން މިއަދު ދޫކޮށްލި އިރު އޭނާއާ އެކީ ހައްޔަރުކުރި ޝައިހް އާދަމް ނިޝާނާއި ފަޒުލޫންގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މި މަހުގެ 19 ގަ އެވެ. އެ ދުވަހު އެ ދެ މީހުންގެ ބަންދަށް 16 ދުވަސް ޖެހި އެވެ.

ޝެއިހް ފަޒްލޫނާއި ނިޝާން ހައްޔަކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.

އެ ބޭފުޅުން ހައްޔަރުކުރުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް ދީފައި އޮތް ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ބާތިލުކޮށްފައިވެ އެވެ. ޝެއިހް ފަޒްލޫނާއި ނިޝާން ނިސްބަތްވަނީ ސަފަލު ޖަމިއްޔާއަށެވެ. އަދި އެ ޖަމިއްޔާ އިން އަންނަނީ އެ ބޭފުޅުން މިނިވަންކުރަން ތަކުރާރުކޮށް ގޮވާލަމުންނެވެ.

މިދިޔަ މަހުގެ 21 ގެ ޔޯގާ އިވެންޓާ ގުޅިގެން 21 މީހަކު ހައްޔަރުކުރި އެވެ. އަދި އޭގެ ތެރެއިން ހަ މީހަކު މިދިޔަ ހޯމަ ދުވަހު ވަނީ ދޫކޮށްލައިފަ އެވެ.