އެންމެ ދުވަސްވީ ޕެންޑާ މިއަދު އުމުރުން 35 އަހަރުގައި މަރުވެއްޖެ އެވެ.
ހޮންކޮންގުގެ އޯޝަން ޕާކްގައި އޮންނަ، 1986 ގައި އުފަންވި މި ފިރިހެން ޕެންޑާގެ ނަމަކީ "އަންއަން" އެވެ. އެތަނުން ބުނި ގޮތުގައި އޭތި މިއަދުގެ ވަގުތެއްގައި މަރުވީ ބަލިވެ އުޅޭތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އަދި ހަރު އެއްޗެއް ވެސް ނުކެވި "އަންއަން" ވަރަށް ބޮޑަށް ވަރުދެރަވެފައިވާ ކަމަށް ބުންޏެވެ.
މީގެ 35 ވަނަ އުފަން ދުވަސް މިދިޔަ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރި އެވެ. އެގޮތުން އެއަށް ހާއްސަ ކޭކެއް އަޅައި، ހަދިޔާއަކަށް ބެމްބޫ ޝޫޓާއި އެކި ކަހަލަ މޭވާތައް ވެސް ދިނެވެ.

އޯޝަން ޕާކް އިން ބުނި ގޮތުގައި ޕެންޑާއެއްގެ އުމުރުން 35 އަހަރުވުމަކީ 105 އަހަރު ފުރުން ކަހަލަ ކަމެކެވެ. ސަބަބަކީ ވަލުތެރޭގައި އުޅޭ ޕެންޑާއެއްގެ އުމުރަކީ އެވްރެޖްކޮށް 20 އަހަރަށްވެފައި، އިންސާނުންގެ ބެލެހެއްޓުމުގައި ދަށުގައި ޕެންޑާ ގެންގުޅޭ ނަމަ އެވްރެޖްކޮށް 30 އަހަރު ވަންދެން ޕެންޑާ ދުނިޔޭގައި އޮތުމެވެ.
"އަންއަން" އެކު ކުރިން އުޅުނު އަންހެން ޕެންޑާ "ޖިއާޖިއާ" 38 އަހަރުގައި މަރުވީ 2016 ގަ އެވެ.
މި ދެ ޕެންޑާ އަކީ ޗައިނާގެ ސިޗްއާން ޕްރޮވިންސަށް އުފަން އެއްޗިއްސެވެ. އަދި ހޮންކޮންގަށް ހަދިޔާއެއްގެ ގޮތުގައި އެ ޕެންޑާ ޗައިނާ ސަރުކާރުން ދިނީ 1999 އެވެ.
އެ ގައުމަށް ހާއްސަ ޖަނަވާރެއްގެ ގޮތުގައި މަޝްހޫރު ޕެންޑާ އަކީ އާންމުކޮށް ހުދާއި ކަޅު ކުލައިން ވަރަށް ލޯބިކޮށް އަދި ބިޔަކޮށް އޮންނަ ޖަނަވާރެކެވެ.