Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

އެމްޑީޕީ އަށް ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް

އެމްޑީޕީ އަށް ކޮންމެ އަހަރަކު ވެސް ދައުލަތުން ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަށް ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ ރޭ ބޭއްވި ޕާޓީގެ ގައުމީ މަޖިލީހުންނެވެ. އެކަން ގައުމީ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ އަހުމަދު އަބްދުﷲ އެވެ. އަދި އެއަށް ތާއީދުކުރެއްވީ މަތިއުތުރު ޕްރޮވިންސްގެ ރައީސް އިބްރާހީމް ވަހީދެވެ.

ޕާޓީ އަށް ދައުލަތުން ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކުގައި ޕާޓީގެ ހިންގުމަށް ބެހުމަށް ނިންމުމުގެ ވައުދަކީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ވައުދެއް ވެސް މެ އެވެ. އެގޮތުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ކެމްޕޭންކުރެއްވި އިރު އޭނާ މާޗް މަހު ނ. ވެލިދޫގެ ސަޕޯޓަރުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ޕާޓީ އަށް ލިބޭ ފައިސާގެ ތެރެއިން ބައެއް، ޕާޓީގެ ދާއިރާތައް ހިންގަން ބަހަން 2019 ގައި ވެސް އެމްޑީޕީގެ ގައުމީ މަޖިލިހުން ނިންމި ކަމަށެވެ.

އަދި ޗެއާޕަސަންގެ މަގާމުގައި ހުންނަވަައިގެން އެގޮތަށް ހަމަޖައްސަވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެގޮތުން ގައުމީ މަޖިލީހުން ރޭ އެކަން ފާސްކޮށް، ފައިސާ ދާއިރާތަކަށް ބަހާނެ ހަތަރު އުސޫލެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ކަނޑައަޅާފައި ވަނީ 20 ޕަސެންޓް ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމާއި 25 ޕަސެންޓް ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމާއި 45 ޕަސެންޓް ދާއިރާގެ މެމްބަރުންގެ ނިސްބަތުން ބެހުމުގެ އިތުރަށް 10 ޕަސެންޓް ދާއިރާތަކުގައި ހިންގާ ޕާޓީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުމަށެވެ.