އިންޑިއާގެ އާ ރައީސަކަށް ދުރޯޕަޑީ މުރްމޫ އިންތިހާބުކޮށްފި އެވެ.
މުރްމޫ އަކީ އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ގުޅިފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓެވެ. އޭނާއާ މި އިންތިހާބުގައި ވާދަކުރެއްވީ ޔުނައިޓެޑް އޮޕޮސިޝަންގެ ކެންޑިޑޭޓް ޔަޝްވަންތު ސިންހާ އެވެ.
އިންޑިއާގެ ރައީސް އިންތިޚާބު ކުރަނީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއާއި މަތިގޭގެ އިތުރުން، ސަރަހައްދީ ޕާލަމެންޓުތަކުގެ ގާތްގަނޑަކަށް 4،000 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
އެގޮތުން މިހާތަނަށް ގުނުނު ވޯޓުން 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު މުރްމޫ ވަނީ ކާމިޔާބުކޮށްފަ އެވެ. މުރްމޫ މަގާމުގެ ހުވާ ކުރައްވާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
މުރްމޫ ،64، ވެގެން ގޮސްފައިވަނީ އިންޑިއާގެ ރައީސް ކަމަށް އިންތިހާބުވި ދެވަނަ އަންހެން ރައީސަށެވެ. އަދި މިއީ އިންޑިއާގެ ރައީސް ކަމަށް ވަޑައިގަންނަވާ 15 ވަނަ ބޭފުޅާ އެވެ،
އިންޑިއާގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ރާމް ނާތު ކޯވިންދުގެ ފަސް އަހަރުގެ ދައުރު މިމަހުގެ 24 ވަނަ ދުވަހަށް ހަމަވާނެ އެވެ. އިންޑިއާގެ ރައީސްގެ މަގާމަކީ ހަމައެކަނި ރަމްޒީ މަގާމަކެވެ. ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް އޮންނަނީ ބޮޑުވަޒީރަށެވެ.