ސްރީ ލަންކާގެ އާ ބޮޑުވަޒީރަކަށް މިއަދު ދިނޭޝް ގުނަވަރުދަނަ އައްޔަންކޮށްފި އެވެ.
އޭނާ މަގާމުގެ ހުވާ ވެސް މިއަދު ރައީސް ރަނިލް ވިކްރަމަސިންހަގެ ކުރިމަތިފުޅުގައި ކުރައްވާފައިވާ އުިރު، ކުރިން ވެސް ބެލެވިފައި އޮތީ އާ ބޮޑުވަޒީރަކަށް އައްޔަންކުރާނީ ދިނޭޝް ކަމަށެވެ. އުމުރުން މިހާރު 73 އަހަރުގެ ދިނޭޝް އަކީ 2000 ވަނަ އަހަރުން ފެށިގެން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވަމުން އައި ބޭފުޅެކެވެ.
ސްރީ ލަންކާ ޕޮޑްޖާނާ ޕެރަމޫނާ (އެސްއެލްޕީޕީ) ޕާޓީ އަށް ނިސްބަތްވެވަޑައިގަންވާ ދިނޭޝް އަކީ މިނިސްޓަރުކަން ވެސް އެތައް ފަހަރެއްގެ މަތިން ކުރަައްވާފައިވާ ބޭފުޅެކެވެ.

ރަނިލް މިދިޔަ ބުދަ ދުވަހު ލަންކާގެ އާ ރައީސަކަށް އިންތިހާބުކުރީ މެއި މަހުގެ ތެރޭގައި ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައި ވަނިކޮށް، ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މި މަހުގެ 14 ގައި އިސްތިއުފާ ދެއްވުމުން ވަގުތީ ރައީސަކަށް ހަމަޖައްސާފައި ވަނިކޮށެވެ.
ރަނިލް މިއަދު އާ ބޮޑުވަޒީރެއް އައްޔަންކުރެއްވުމަށް ފަހު، ހުރިހާ ޕާޓީތައް އެކުލެވޭ ކެބިނެޓެއް އެކުލައްވާނެ އެވެ. އޭނާ ރައީސް ކަމަށް އިންތިހާބުކުރުމާ އެކީ ލަންކާގައި އަނެއްކާ ވެސް މުޒާހަރާތައް އިތުރުވެ، ރަނިލްގެ އިސްތިއުފާ އަށް އަންނަނީ ގޮވައިލަމުންނެވެ.