Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޝެއިހް ނިޝާން ދޫކޮށްލަން ޖެހޭ: ޝަހީމް

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ދޫކޮށްލަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އަނިޔާވެެރި ޢަމަލަކަށް އޭނާ ތާއިދުކުރައްވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ޝެއިޚު ނިޝާން މިނިވަންކުރަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ. "ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު."

އޭނާ ވިދާޅުވި ގޮތުގައި ޝެއިހް ނިޝާނަކީ ދީނީ ކަންކަމަށް ހޭލުންތެރިން އުފައްދަވައި ދީނީ ގޮތުން އުފެދޭ މައްސަލަތައް ހައްލުކުރައްވައި ނަތީޖާތަކެއް ވެސް ނެރުއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އެއީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެ ފަރާތްތަކަށް ޙައްޤު ގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް [އެއީ]." ޝަހީމް ވިދާޅުވި އެވެ.

ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ގައި މާލޭފައި ބޭއްވި އިވެންޓާ ދިމާކޮށް ހިނގި ނުޖެހުންތަކާ ގުޅިގެން ނިޝާން ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ. އަދި އެކި ފަހަރު މަތިން އޭނަގެ ބަންދަށް މުއްދަތު ޖަހަމުން ގޮސް އެންމެ ފަހުން ބަންދަށް 16 ދުވަސް ޖެހީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ޝެއިހް ނިޝާނާ އެކީ އެހެން ދީނީ އިލްމުވެރިޔަކު ވެސް ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އެވެ. އެއީ ޝެއިހް ފަޒްލޫން މުހައްމަދެވެ. ނަމަވެސް އޭނަ ޝަރުތުތަކާ އެކީ ކްރިމިނަލް ކޯޓުން ދޫކުރީ ބުރާސްފަތި ދުވަހު އެވެ.