Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ސިޔާސީ ރޭހަށް ބޭނުމީ އަމިއްލަ މަސްލަހަތު ނެތުން

ސިޔާސީ ރޭހުގައި ކުރިއަށް ދާން ބޭނުން ވަނީ ދުރު ރާސްތާގެ ކާމިޔާބީއެއް ހޯދޭނެ ގޮތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން މިހާރު ޓްވިޓާގައި ވަރަށް ހަރަކާތްތެރިވެވަޑައިގެންފައިވާ އިރު، އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ރޭހުގައި ކާމިޔާބު ހޯދޭނީ އަމިއްލަ މަސްލަހަލު އިސްނުކޮށް ކަމަށެވެ.

"އަމިއްލަ މަސްލަހަތަށް ވުރެ ދީނާއި ގައުމާއި ރައްޔިތުން މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް ކާމިޔާބު ލިބޭނީ." އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެކެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އަދާލަތީ ދީނާއި ގައުމަށް ވުރެ ވަކި ބައެއްގެ ސިޔާސީ މަންފާ އަށް މަސައްކަތްކުރާ ޕާޓީއެކެވެ. އަދި އިމްރާން މިހާރު މާ ގަދައަށް ޓްވީޓްކުރައްވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ގާތްވަމުން އަންނާތީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރެއްވުމުގެ ގޮތުންނެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ގައުމުގައި ބޮޑެތި ޖަރީމާތަކާއި ފާހިޝް ކަންކަން ހުއްޓުވަން ފިޔަވަޅު ވެސް ނާޅާ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އިމްރާނަށް އަމާޒުވެފައިވެ އެވެ.