Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މާލެއިން ގޯތި ދޫކުރުން: ސިރާޖުގެ ރައްދު ނިހާދަށް

މާލޭ ރައްޔިތުންނަށް ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައި އޮތްއޮތުމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކައަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްދު ދެއްވައިފިއެވެ.

ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ އޭރިއާއިން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގަައި ނުފެންނާތީ، އެކަން ބައްލަވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މޫސާ ސިރާޖު ވަނީ ސިޓީއެއް ހުށަހަޅާ އެ މައްސަލަ ބައްލަވައިދިނުމަށް އެދިފައެވެ.

ގޯތިދޫކުރުމުގެ މައްސަލައިގައި ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާލޭގައި ވަރަށް ނިކަމެތިން އެބަ އުޅޭ ކަމަށާއި އެ ހާލަތު އެނގޭ މީހަކު "ފަޅޮލޭ ފާގަ އޭ ނުކިޔާނެ" ކަމަށެވެ. ބޮޑަށް ބެލެވޭ ގޮތުގައި ނިހާދުގެ މި ޓްވީޓަކީ މޫސާ ސިރާޖަށް ރައްދުވާގޮތަށް ކުރައްވާފައިވާ ޓްވީޓެކެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ މޫސާ ސިރާޖު ވިދާޅުވީ، މާލޭގެ އެންމެ ނިކަމެތިންނަށް ހިޔާފުލެޓުން ފުލެޓު ދިނީ ފައިސާ ދައްކާގޮތަށް ކަމަށާއި، މި ނިކަމެތިންނަށް ވުރެ ހާލަތު ރަނގަޅު ބަޔަކަށް ހިލޭ ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ފުލެޓުގެ ޖާގައިގެ ދަތިކަން އުޅޭނަމަ 2000 އަކަފޫޓުގެ ފުލެޓުއަޅަންވީ ނޫންތޯ ވެސް މޫސާ ސިރާޖު ސުވާލު އުފައްދަވާފައިވެއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ. މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ގިރާވަރު ފަޅު ހިއްސާ އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕޯޓެއް ހަދާ އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.