Last Updated: June 26, 17:51
Friday, June 26, 2026
ޚަބަރު

މަގުތަކުގައި އުޅަނދުތައް ޕާކްކޮށްފައި ނުބާއްވަން އަންގައިފި

އައްޑޫގެ ހިތަދޫ މަގުތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކްކޮށްފައި ނުބާއްވަން ކައުންސިލުން އެދިއްޖެ އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މަގުތަކުގައި، ދާއިމީކޮށް ބައެއް ފަރާތްތަކުން ހަތަރު ފުރޮޅުލީ އުޅަނދުތައް (ކާރު، ލޮރީ، ޕިކަޕް ފަދަ ތަކެތި) ޕާކުކޮށްފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ އުޅަނދުތަކުގެ ސަބަބުން، އާންމުކޮށް ދުއްވާ ތަކެއްޗަށާއި، ވެމްކޯގެ ކުނި އުފުލާ ޓްރަކްތަކަށާއި، އެމްބިއުލާންސްތަކާއި، އަދި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރުމުގައި ބޭނުންކުރާ އުޅަނދުތަކަށް އިންތިހާއަށް ދަތިވަމުންދާކަމުގެ ޝަކުވާ ވެސް ކެނޑިނޭޅި ލިބެމުން އަންނަ ކަމަށެވެ.

ކައުންސިލުން ބުނީ ފުރޮޅުލީ އުޅަނދުތަކަކީ، ޕާކްކުރުމަށް ވަކި ގަރާޖެއް ހަމަޖެހިގެން ރަޖިސްޓަރީވެފައިވާ ތަކެތި ކަމަށްވާތީ، ހުރިހާ ފަރާތްތަކަކުން ވެސް އެ ބައެއްގެ އުޅަނދުތައް ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްގައި ބޭއްވުމަކީ، އެންމެންގެ ފަސޭހައަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ވީމާ ހަތަރު ފުރޮޅުލީ އުޅަނދުތައް މަގުމަތީގައި ޕާކުކޮށްފައި ނުބޭއްވުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ." ކައުންސިލްގެ އިއުލާންގައިވެ އެވެ.