ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން އޮތް ރާއްޖޭގައި އެކަން ކުރާ ކުންފުނި، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ވިއްކާލަން ނިންމައި އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 500 ޑޮލަރުގެ އަގުހުރި ޓީއެމްއޭ 700 މިލިއަން ޑޮލަރަށް ވިއްކާލަން އެމެރިކާގެ ކުންފުނި، ކާލައިލް އިން އަންނަނީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުންނެވެ. އެ ކުންފުނީގެ އިތުރުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރުންގެ ތެރޭގައި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓް ކުންފުނި ވެސް ހިމެނެ އެވެ.
އަދި އެ ކުންފުނިތަކާ އެކީ ޓީއެމްއޭ ވިއްކާލުމުގެ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވެ އެވެ.
ޓީއެމްއޭ ވިއްކައިލުމުގެ މަސައްކަތްތައް ފަށާފައި މި ވަނީ ކުންފުނީގެ ދަރަނިތައް ވެސް ވަރަށް ބޮޑުވެފައި ވަނިކޮށެވެ. ބްލެކްސްޓޯން އަތުން 2017 ގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ޓީއެމްއޭ ގަތް، އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އަށް 305 މިލިއަން ޑޮލަރު ހަމަޖައްސައިދިނީ، އިންވެސްޓްމެންޓްތަކަށް ހޭދަކުރާ އަމިއްލަ އެތައް ބަޔަކު ގުޅިގެންނެވެ. އެގޮތުން ޓީއެމްއޭ އަށް ނުދެއްކި އޮތް ލޯނަކީ އެ ކުންފުނީގެ އޭރުގެ މެޖޯރިޓީ ހިއްސާދާރު ބެއިން ކެޕިޓަލް އިން 2017 ވަނަ އަހަރު ގަތުމަށް ނެގި ލޯނެވެ.
ޓީއެމްއޭ ވިއްކައިލާތީ ރާއްޖޭގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެ ދޫކޮށް ދިއުމާއި ވިއްކުން އާއްމުވެގެން ދިޔައީ ފަންނީ އެތައް ބަޔަކުދޭ ލަފާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.
"[ރައީސް އެ އަޑުތައް] އަޑު ނޭހުމުން. ވިޔަފާރީގެ އިތުބާރެއް ރައީސް ސޯލިހަކަށް ނެތް! ދެވަނަ ލަންކާ އަށް ރާއްޖެވުން ހުއްޓުމަށް އަތުގުޅާލަން ޖެހޭ." އޭނާ ވިދާޅުވި އެވެ.