Last Updated: April 18, 10:28
Thursday, April 18, 2024
ވިޔަފާރި

"އަކާސާ އެއާ" އޮގަސްޓް 7 ގައި އޮޕަރޭޝަނަށް

އިންޑިއާގައި އަލަށް ވައިގެ ހިދުމަތަށް ނުކުންނަ އާ އެއާލައިން "އަކާސާ" ގެ ދަތުރުތައް އަންނަ މަހުގެ 7 ގައި ފަށަން ނިންމައި ޓިކެޓް ވެސް ވިއްކަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އެންމެ ފުރަތަމަ އެތެރޭގެ އުދުހުންތަކަށް ހާއްސަ އެއާލައިނުން ފުރަތަމަ ދަތުރުތައް ކުރާނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ އާއި އެހެމްދުއާބާދާ ދެމެދު ކަމަށެވެ. އެ ގޮތުން އަންނަ މަހުގެ 7 އިން ފެށުގެން އެ ދެ ދޭތެރޭ ކޮންމެ ދުވަހަކު ދެ ދަތުރު ބާއްވަން ޕްލޭންކޮށްފައިވެ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ވައިގެ ދަތުރުފަތުރަށް ރަސްމީކޮށް ހުއްދަ ލިބުނީ "އަކާސާ އެއާ" އަކީ އިންޑިއާގެ މަޝްހޫރު ވިޔަފާވެރިއެއް ކަމަށްވާ ރާކޭޝް ޖުންޖުންވާލާ ވެސް އިންވެސްޓްކޮށްފައިވާ އެއާލައިނެކެވެ. މީޑިއާތަކުން ބުނީ އެ އެއާލައިންގައި އޭނާ 40 ޕަސެންޓް ހިއްސާވާ އިރު، 35 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށެވެ.

"އަކާސާ އެއާ" އޮޕަރޭޓްކުރާނީ އެސްއެންވީ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ އެއާލައިނުން އޮޕަރޭޝަނަށް ނުކުންނަނީ ބޮއެން 737 މެކްސް މަރުކާގެ މަތިންބޯޓްތަކާ އެކީގައި ކަމަށެވެ. "އަކާސާ އެއާ" ގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ފްލީޓްގެ އަދަދު 18 އަށް އިތުރުކޮށް، ކޮންމެ އަހަރަކު ވެސް އެއާލައިނަށް 12-14 ބޯޓް އިތުރުކުރުމެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި "އަކާސާ އެއާ" ގެ ފްލީޓް 72 އަށް އިތުރުކުރަން ޕްލޭންކޮށްފައިވެ އެވެ.

ފޭސްތަކަކަށް ބަހާލައިގެން އެއާލައިންގެ އޮޕަރޭޝަންތައް މުޅި އިންޑިއާ އަށް ފުޅާކުރަން ހަމަޖެހިފައިވާ އިރު މި މަހުގެ 7 ގައި ރަސްމީކޮށް އޮޕަރޭޝަން ފެށުމަށް ފަހު، އަންނަ މަހުގެ 13 އިން ފެށިގެން ބެންގަލޫރާއި ކޮޗީއާ ދެމެދު ވެސް ކޮންމެ ދުވަހަކު ދެ ދަތުރު ބާއްވަން ހަމަޖެހިފައިވެ އެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާ އިން މި ވަގުތު ވެސް 39 އެއާލައިނެއް އޮޕަރޭޓްކުރެ އެވެ.