Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ލިވާތުކުރާ މީހުން ހައްޔަރުކުރަން ނުކުންނަން ޖެހޭ: އިޔާޒް

ރާއްޖޭގައި މިހާރު ލިވާތުކުރުން ނުވަތަ އެއްޖިންސުން ގުޅުން ހިންގުން އިތުރުވެފައިވާތީ އެފަދަ އަމަލުތައް ހިންގާ މީހުން ހައްޔަރުކުރަން ފުލުހުންނާއި ސިފައިން ނުކުންނަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީ ޒުވާނަކާ އެކީ ރާއްޖޭގެ އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފެންމަތިވި ނަމަވެސް އެކަމާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން މިހާތަނަށް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމާ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ އިޔާޒް މިއަދު ޓްވީޓެއްގައި ވިދާޅުވީ މީދާ ގިނަވެގެން އުޅޭ ދުވަސްވަރު ސިފައިންނާއި ފުލުހުން ނިކުމެ މީދާ މަރަން އުޅޭ ފަދައިން މިއަދު މުޖްތަމައު ހަރާބުކުރަމުން ދުވާ ލިވާޠީންތައް ހައްޔަރުކުރަން ވެސް އެ މީހުން ނިކުންނަން ޖެހޭ ކަމަށެވެ.

އިޔާޒްގެ އެހެން ޓްވީޓްތަކެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުން ފަދަ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް ބިރަކާ ނުލައި އަރައި ގަންނަން ފަށައިފި ނަމަ އެ ތަނެއްގައި ބަލިމަޑުކަމާއި ނާމާންކަން އާންމުވެގެން ދިިޔުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.

"ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް ރީތި ކަމެއްގެ ގޮތުގައި ދައްކުވައިގެން މުޖްތަމަޢުގެ ތެރޭގައި ފަތުރުވަން ބަޔަކު މަސައްކަތްކުރި ނަމަވެސް އެކަމުގެ ޖާގަ ދެވިގެންނުވާނެ. މިކަން ހުއްޓުވުމުގެ އެންމެ އިސްވާޖިބެއް އޮތީ ފުލުހުންނަށް"، އޭނާ ވިދާޅުވި އެވެ. "އަދިވެސް ހޭއަރާ ވިސްނޭކަށް ނުވޭތޯ؟ ﷲ ނަހީ ކުރެއްވި ފާޙިޝްކަން ބޮޑު މުޑުދާރު ޢަމަލުތަކަށް އަރައިގަންނަ ނަމަ ދެ ދުނިޔޭގައި އެކަމުގެ ޢުޤޫބާތް ލިބުމަކީ ގާތްކަމެއް. މިކަން ނުހުއްޓުވައިފި ނަމަ ކޯފާ އަންނާނީ އެންމެން ޝާމިލުވާ ގޮތަށް."

އިޔާޒް ވިދާޅުވީ ރާއްޖެ "ސަދޫމް" އަށް ހެދިޔަ ދީގެން ނުވާނެ ކަމަށެވެ.

"މި ގައުމު ސަދޫމަށް ވިޔަ ނުދެއްވާ. މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރޭގައި މީގެ މީހުން ތިބި ނަމަ މޫނަކަށް ކަނދުރާއަކަށް ނުބަލައި އަވަހަށް [މަގާމުތަކުން] ވަކިކޮށް ދެއްވާ،" އޭނާ ވިދާޅުވި އެވެ. "ފިރިހެނުންނަށް އެދުންވެރިކަން އަންނާނީ އެންމެ "ސިކް" މީހުން. މި ކަހަލަ ބަޔަކު މުޖުތަމައުގައި ދޫވެގެން ނުވާނެ."

އިޔާޒު ވިދާޅުވީ މުޖުތަމަޢުގެ ތެރެއަށް އެ ހަޑިމުޑުދާރު ފާހިޝް ޢަމަލު ހިންގާ މުޖްރިމުން ހިނދުކޮޅަކަށް ވެސް ދޫވެފައި ތިބުމަކީ މުޅި މުޖްތަމަޢަށް އޮތް ނުރައްކަލަކަށްވާތީ އެ އެންމެން ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

އެމްޑީ އަލަމްގީރް، 25، ކިޔާ މީހަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރާ ކަމަށް އެނގިފައިވެ އެވެ. މި މައްސަލާގައި އޭނާ ހުރީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.