Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޑިމޮކްރަސީ ދުވަސް: މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުން، މަޒުމޫން ލިޔުމާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތުގެ ތެރެއިން ކޮންމެ މުބާރާތަކުންވެސް ވަނަތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ދެ މުބާރާތުގައި ވެސް މުޅި މުބާރާތުން 1 ވަނަ އިނާމަށް 5000 ރުފިޔާ، 2 ވަނަ އިނާމަށް 4000 ރުފިޔާ އަދި 3 ވަނަ އިނާމް 3000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ދެ މުބާރާތުގައި އުމުރުފުރާތަކުންވެސް ވަނަތައް ހޮވުމަށް ނިންމާފައިވެއެވެ. އެގޮތުން 1 ވަނަ އިނާމަށް 2000 ރުފިޔާ، 2 ވަނަ އިނާމަށް 1500 ރުފިޔާ އަދި 3 ވަނަ އިނާމް 1000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި ދެމުބާރާތްވެސް ކުރިއަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 35 އަހަރުން މަތި، 35 އަހަރާއި 18 އަހަރާ ދެމެދު، 18 އަހަރާއި 14 އަހަރާއި ދެމެދު އަދި 14 އަހަރުން ދަށުގެ އުމުރުފުރާއެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ.