Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ވިލިމާލޭން ކުންފުނިތަކަށް ބިންދޭތީ އުޝާމްގެ ކަންބޮޑުވުން

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިނުދީ، ކުންފުނިތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ވިލިމާލޭގައި ކުރިއަށްގެންދަން އުޅޭނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ސްޓެލްކޯއިން އާ ހައުސިން ޕްރޮޖެކްޓެއް ވިލިމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ހާމަކުރުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވިލިމާލެއަކީ ބިންކުޑަ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއް ކަމަށެވެ.

އަދި ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުދީ ކުންފުނިތަކުގެ މިފަދަ މަޝްރޫތަކަށް ބިން ދޫކުރުމަކީ ވިލިމާލޭގެ ރައްޔިތުން ތާއީދު ކުރާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

"ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ވިލިމާލޭގެ ރައްޔިތުން ތާއީދުނުކުރާނެ." އުޝާމްގެ ޓްވީޓްގައިވެއެވެ.

ރޭ ސްޓެލްކޯގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އާ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނީ ވިލިމާލޭގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖާއެކު ދަތުރުފަތުރުގެ މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށެވެ.