އައްޑޫ ފޭދޫގެ ގޭބިސީތަކުގެ ތެރެއިން މަގުފާރު ރާނާފައި ނެތް ގެތަކުން އިންފާރު ރޭނުމަށް އަންގައިފި އެވެ.
ކައުންސިލުން ނެރުނު ނޯޓިހެއްގައި ބުނީ މަގުތައް ރަނގަޅު ފެނަވަރަކަށް ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށެވެ. އެހެންވެ މަގަށްވާ ގޮތަށް ހުރި ގޯތިތަކުގެ އިންފާރު ރޭނިފައި ހުރުމަކީ، މަގުތައް ހަލާކު ނުވެ ދިގުމުއްދަތަކަށް ހުރުމަށް އެހީތެރިވެދޭނެ ސަބަބަކަށްވާތީ، ހުރިހާ ގޯތިތަކެއްގެ އިންފާރު ވެސް ވީހާ އަވަހަކަށް ރޭނުމަށް އަންގާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން މި ގޮތަށް އެންގި އިރު، މަގުތައް ހަދަން ކޮނުމުގެ ތެރޭގައި ފޭދޫގެ ބައެއް ގެތަކުގެ މަގު އިންފާރު ވެއްޓުމާއި ބައެއް ގޭގެ ފާރުތަކުގައި ރެނދުލައުގެން ވެއްޓެން ކައިރިވުން ފަދަ މައްސަލަތައް ދިމާވެ އެ އަވަށުގެ ރައްޔިތުންގެ މެދުގައި އެކަމުގެ ޝަކުވާތައް ވެސް ބޮޑުވެފައިވެ އެވެ.

މިކަމާ ގުޅިގެން ކައުންސިލުން ބުނެފައިި ވަނީ މަގު ހަދާ ކުންފުނި، އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާގެ އިހުމާލުން ފާރުތައް ވެއްޓޭ ނަމަ އެކަމުގެ ބަދަލު ދޭން ޖެހޭނެ އެވެ. މި މައްސަލާގައި ކައުންސިލާއި އެ ކުންފުންޏާއި ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫގައި ތިއްބަވާ އިސްވެރިން މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން މި ވަގުތު އެންމެ ބޮޑަށް ކުރިއަށް ދަނީ ފޭދު އާއި ހިތަދޫގެ މަގުތަކުގެ މަސައްކަތެވެ.
އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު އަދި ކައުންސިލަރުން އައްޑޫސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ ތެރެއިން. pic.twitter.com/z7rk3RGgti
— Addu City Council (@AdduCityCouncil) May 18, 2022
އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރާނެ އެވެ.
މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވެ އެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމަން ޖެހޭ އިރު މި މަސައްކަތް ފެށި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.