ރާއްޖެ އަށް ލިބިފައި އޮތް ޝަފާއި ކަރާމަތް ރައްކާތެރިކޮށް ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ މި މޭރުމުން ޓްވީޓްކުރައްވާފައި ވަނީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން އިތުރުވެ، އެފަދަ ފާހިޝް އަމަލުތައް ހިންގާ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ ކަންބޮޑުވުން ފާޅުކުރައްވަ އެވެ.
"އެއްޖިންސުގެ ގުޅުން ހިންގާ ފަރާތްތަކާ މެދު ޝަރުޢީ، ޤާނޫނީ ފިޔަވަޅު އަޅާ." ޝަހީމް ވިދާޅުވި އެވެ.
އެއް ޖިންސުގެ ގުޅުން ހިންގާ ފަރާތްތަކާ މެދު ޝަރުޢީ، ޤާނޫނީ ފިޔަވަޅުއަޅައި، ރާއްޖޭގެ އިސްލާމީ އުޞޫލުތައް ދަމަހައްޓައި އިސްލާމީ އުންމަތުގައި ރާއްޖެއާމެދު ދެކޭ ގޮތާއި އިސްލާމީ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބިފައި އޮންނަ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 24, 2022
އޭނާ ވިދާޅުވީ ރާއްޖޭގެ އިސްލާމީ އުޞޫލުތައް ދަމަހައްޓައި އިސްލާމީ އުންމަތުގައި ރާއްޖެއާ މެދު ދެކޭ ގޮތާއި އިސްލާމީ ގައުމުތަކުގެ މެދުގައި ރާއްޖެ އަށް ލިބިފައި އޮންނަ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓެހުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ޝަހީމް މި ގޮތަށް ވިދާޅުވި އިރު، ވަރަށް ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގާ މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، އެފަދަ އަމަލުތައް ހިންގާ މީހުން ހައްޔަރުކޮށް، އަދަބު ދޭން ގޮވައިލައްވަމުންނެވެ.
ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން މި ވަގުތު ހުއްޓިފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ބަންގަލްދޭޝްގެ ޒުވާން ފިރިހެނަކާ އެކީ ރާއްޖޭގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ އިރު، މިހާތަނަށް 250 އެއްހާ މީހުން އޭނާއާ އެކީ ގުޅުން ހިންގާފައިވާ ކަމަށްވެ އެވެ. މީގެ ތެރޭގައި ސިޔާސީ ދާއިރާގެ ނުފޫޒު ގަދަ މީސްމީހުންނާއި އެ މީހުންނާ ގުޅުން ހުރި މީސްމީހުން ހިމެނެ އެވެ.