ލިބޭ މިންވަރުން ފުދިގެން އުޅުމަށްޓަކައި ރައްޔިތުން ފައިސާ ރައްކާކޮށް، އިގުތިސާދުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އޮތް ހާލަތުގެ ސަބަބުން މުއްސަނދިން އިތުރަށް މުއްސަނދި ވަނީ ކަމަށާއި ނިކަމެތިން އިތުރަށް ނިކަމެތި ވަނީ ކަމަށެވެ.
"ދުނިޔެ އަށް މި އަންނަ އިގުތިސާދީ ދަތިކަމުގެ ހިތި އަސަރުކުރާނީ ނިކަމެތި މީހާ އަށް،" ނިހާދު ވިދާޅުވި އެވެ. "މުއްސަނދިން މުއްސަނދިވަމުން ދަނީ. ނިކަމެތި މީހާ އަތުގައި އޮންނަ ފައިސާކޮޅު ބޮޑު އަގުގައި ހޭދަކުރަން ޖެހެނީ ކައިބޮއި ހަދަން. ވިސްނާ ސޭވްކުރޭ."
އޭނާ ވިދާޅުވީ އިގުތިސާދީ ގޮތުން ދިމާވަމުންދާ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކޮށް ރާއްޖޭގެ އިގުތިސާދު ހިފަހައްޓަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ދާދި ފަހުން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ހަރަދު ވެސް ކުޑަކުރަން އެދިފަ އެވެ.