Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

ބަންގްލަދޭޝް އޮތީ ލަންކާ ހާލަތަކު ނޫން: ހަސީނާ

ބަންގްލަދޭޝް މިހާރު އޮތީ ސްރީ ލަންކާ ވެއްޓިފައި އޮތް ފަދަ އިގުތިސާދީ އަނދަވަޅެއްގެ ތެރޭގައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބޮޑުވަޒީރު ޝައިހް ހަސީނާ ރައްދު ދެއްވައިފި އެވެ.

މި މަހުގެ 23-29 އަށް ކުރިއަށް ގެންދާ "ނެޝަނަލް ފިޝަރީޒް ވީކް 2022" ހުޅުވުމުގެ ރަސްމިއްޔާތުގައި ހަސީނާ ވިދާޅުވީ ލަންކާ އާއި ބަންގްލަދޭޝް އަޅާކިޔައި ބަޔަކު ވާހަކަ ދައްކަނީ ދުނިޔެ މިހާރު އޮތް ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.

އެހެންވެ ތަންދޮރު ނުބަލައި ގައުމުގެ ބަޔަކު ދައްކާ ވާހަކަތަކުން ގެއްލުން އޮތީ ހަމަ ގައުމަށް ކަމަށް ވިދާޅުވި އެވެ. ހަސީނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އަދި މިހާރު ކުރިމަތިވެފައި އޮތް ރަޝިއާ/ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ކަންކަމާ ގުޅިގެން ބަންގްލަދޭޝް މިހާތަނަށް ވަރަށް ގިނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އަދި އެ ގައުމު ލަންކާގެ ހާލަތަށް ނުގޮސް އޮތީ ސަރުކާރުން ކުރި މަސައްކަތްތަކުން ކަމަށް ވިދާޅުވި އެެވެ.

"އެހެންވީމަ ވަރަށް ސާފުކޮށް ބުނަން އޮތީ ގައުމުގެ ހާލަތު ރަނގަޅުކުރަން ޖެހޭ ކަންކަން ކުރުމުގައި ދެމިތިބޭނެކަމާއި އެކަމުގެ ހުއްޓުމެއް ނެތި މިހާރު ވެސް ކުރިއަށް ދާކަން." ހަސީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ވެސް ތިބީ ސަރުކާރާ އެކީގައި ކަމަށާއި ސަރުކާރަށް ރައްޔިތުން ފުރިހަމަ އަށް އިތުބާރު ވެސް ކުރާ ކަމަށެވެ.

ހަސީނާ ވަނީ ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި މަސްވެރިކަމުގެ ދާއިރާ އިން އިތުރު މަސައްކަތްތައް ކުރުމަށް އެ ދާއިރާ އަށް ގޮވާލައްވައިފަ އެވެ.