Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދެވަނަ ކުއާޓަރުގައި ބީއެމްއެލް އަށް 592 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވަސް، ބީއެމްއެލްއަށް ދެވަނަ ކުއާޓަރގައި 592 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި ރަނގަޅުވަމުން އަންނަ އެސެޓް ކުއަލިޓީއާއެކު ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު %19 އިތުރު އަދަދެއް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ކުއާޓަރގައި ބޭންކުން ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭ ގެ ހިދުމަތް ތައާރަފްކުރިކަމަށެވެ. އަދި ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޭންކުން މާސްޓަރކާޑު އަދި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާމެދު އުންމީދު ބޮޑު. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން." ބޭންކުގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް ހިންގާފައިވެއެވެ. އެގޮތުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނެއުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް "ކައިންޑްލީ" އިފްތިތާހުކުރުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.