މި މަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވެ، އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދަނޑުވެރިންނަށް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
ޖުލައި މަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ވައިގަދަވެ އަދި އުދަ އެރުމުގެ ސަބަބުން ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އެންޑީއެމްއޭއިން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެ އޮތޯރިޓީން ހާމަކޮށްފައިވާއިރު، އޮތޯރިޓީން ބުނެފައިވަނީ ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޑެމޭޖް އެސެސްމެންޓް ހުށަހަޅާފައިވަނީ 9 ރަށަކުން ޖުމުލަ 261 ފޯމު ކަމަށެވެ.
އެންޑީއެމްއޭއިން ބުނެފައިވަނީ މިހާތަނަށް ލިބިފައިވާ ފޯމުތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގޯތިގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް ނުވަ ރަށެއްގެ 96 ގެއަކަށް ލިބިފައިވާ ކަމަށެވެ.
"މި ހާދިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ފާހަގަ ކުރެވެނީ ދަނޑުވެރިންނަށް. މިގޮތުން މިހާތަނަށް މި އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމެންޓް ފޯމުތަކުގެ ތެރެއިން 4 ރަށަކުން 110 ގޭބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެސެސްމަންޓް ފޯމުތަކުން ދައްކާ." އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވާފައިވަނީ ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ، ގދ. ފިޔޯރު އަދި ތ. ތިމަރަފުށިން ކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
މިފަހުން ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރާ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ ގުޅިގެން ބައެއް ރަށްރަށުގައި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވެފައިވެސްވެއެވެ.