މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ދެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިއަދު 12:00 އަށެވެ.
އެމްޑީޕީން ބުނެފައިވަނީ ވަގުތު ހަމަވިއިރު މަގާމަށް ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށެވެ. އެއީ ޗެއަރޕާސަންގެ ނައިބު އިދާރީގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ) އަދި ޗެއަރޕާސަންގެ ނައިބު މާލީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.
މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެއެވެ. މިވަގުތު ޗެއަރޕާސަންގެ ނައިބު މާލީގައި ހުންނެވީ އަހުމަދު އަބްދުﷲއެވެ. އަދި ޗެއަރޕާސަންގެ ނައިބު އިދާރީގެ މަގާމުގައި ހުންނެވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒެވެ.