Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

މަހުޖަނު އީލޮންގެ ލޯބީގެ އިތުރު ވާހަކައެއް

މިއީ އެއްގޮތަކަށް ވެސް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ލޯބީގެ ވާހަކަތަކެއް ނެރެން އުޅޭ ވާހަކައެއް ނޫނެވެ. މިއީ އަބަދު ވެސް ކޮންމެވެސް ކަމަކާ ގުޅިގެން މީޑިއާތަކުގެ ފަލަ ސުރުހީތަކުގެ ތެރޭގައި އޮންނަ އީލޮންއާ ބެހޭ ގޮތުން ދެކެވޭ ލޯބީގެ އާ ވާހަކައެއްގެ ބައެކެވެ.

މި ވާހަކަ އަކީ ގޫގުލްގެ ބާނީންގެ ތެރޭގައި ހިމެނޭ ސާޖީ ބްރިންގެ އަންހެނުން ނިކޯލް ޝަނަހާން އާއި އީލޮން ހިތާވެގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ އެވެ. އަދި މި ވާހަކައެއް މިހާރު މާ ބޮޑަށް ދެކެވެން ފެށީ އެމެރިކާގެ މަޔާމީގައި އޮތް ހައި ޕްރޮފައިލް އާޓް އިވެންޓެއްގެ ތެރޭގައި އީލޮން އާއި ނިކޯލް "މާ ފާޑަކަށް" އުޅުނު ތަން ފެނިގެން ކަމަށްވެ އެވެ.

ބްރިން އާއި ނިކޯލް ވަރިވާން މި އަހަރުގެ ކުރީކޮޅު ކޯޓަށް ވެސް ހުށަހަޅާފައިވާ އިރު، މި ގުޅުމުގެ ކުނި ޖެހުމުގެ އެއް އަސްލަކީ އީލޮން ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން މި ކުޅިގަނޑު ސިފަކޮށްފައި ބްރިންގެ އަތުން އީލޮން އަންހެނުން "ޖަހައިގަތުމެއް" ގެ ގޮތުގަ އެވެ. ސަބަބަކީ އޭނާ އަކީ ބްރިންއާ ވަރަށް ޒަމާންވީ ގާތް އެކުވެރި ކަމެއް ވެސް އޮތް މީހަކަށްވުމެވެ. އެކަމަކު ގާތް އެކުވެރިއެއްގެ ގޮތުގައި ހުރެގެން އެކުވެރިޔާގެ އަންހެނުންނާ އީލޮން މައްލަވަކުރަން ހަދައިގެން އެ މީހުން ކައިވެނި ވަރިފަށަށް އެރުމުން މިކަމުގެ އިނގިލި ތިން ވަނަ މީހެއްގެ ގޮތުގައި ދިއްކުރެވެނީ އީލޮންއަށެވެ.

މިހާރު މި ވާހަކަ މާ ބޮޑަށް މީޑިއާތަކުގައި އެނބުރެމުންދާތީ އީލޮން ވަނީ އެކަން ދޮގުކޮށް ޓްވީޓެއް ވެސް ކޮށްފަ އެވެ. އޭގައި އޭނާ ބުނީ އޭނަ އާއި ނިކޯލްއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އޭނަ އާއި ބްރިން އަކީ މިހާރު ވެސް ގާތް ރަހުމަތްތެރިއެއް ކަމަށް ބުންޏެވެ.

"އަނެއްކާ ފާއިތުވި ތިން އަހަރުގެ ތެރޭގައި ތެރޭގައި ނިކޯލްއާ އަހަންނާ ދިމާވީ ވެސް އެންމެ ދެ ފަހަރަކު. އެ ވެސް އަދި އެތައް ބައެއްގެ ތެރޭގައި،" އީލޮން ބުންޏެވެ. "އެހެންވީމަކި އަހަންނަކާ އޭނަ އަކާ [އެއްވެސް އިރެއްގައި] ލޯބީގެ ގުޅުމެއް ނެތް."

މި މަހުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީލޮންހެ ނިއުރޯޓެކްނޮލޮޖީ ކުންފުނި، ނިއުރާލިންކްގެ އިސް މަގާމެއް ފުރަމުން އަންނަ ޝިވޮން ޒިލިސްއާ އެކީ ހިންގި ގުޅުމަކަށް މި އަހަރުގެ ކުރީކޮޅު އެއްމާބަނޑު ދެ ކުދިން ވެސް ލިބިފައިވެ އެވެ. މިއާ އެކީ އީލޮންގެ ދަރިންގެ އަދަދު ވަނީ 9 އަށް އަރައިފަ އެވެ.

ދެހާސް ވިހީގައި ކެނެޑާގެ ލަވަކިޔުންތެރިޔާ ގްރައިމްސް ވެސް އީލޮން އަށް ދަރިއަކު ވިހާފައިވެ އެވެ. އަދި އެ ދެ މީހުން މިދިޔަ އަހަރު ވަނީ ރޫޅިފަ އެވެ. އޭގެ ފަހުން އީލޮން، 51، އޮސްޓްރޭލިއާ އަށް އުފަން ޒުވާން ބަތަލާ ނަތާޝާ ބެސެޓް، 24، އާ ރައްޓެހިވިކަމުގެ އަަޑުތަކެއް ވެސް މި އަހަރުގެ ކުރީކޮޅު އެރި އެވެ.