Last Updated: April 18, 22:36
Friday, April 19, 2024
ދުނިޔެ

އިންޑިއާގެ އާ ރައީސް ހުވާކުރައްވައިފި

އިންޑިއާގެ އާ ރައީސް ދުރޯޕަޅީ މުރްމޫ އެގައުމުގެ ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

މުރްމޫ މިއަދު ރިޔާސީ ހުވާކުރެއްވީ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

ރައީސް މުރްމޫ އަށް ހުވާލައިދެއްވީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު އެންވީ ރަމަނާ އެވެ. އެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، މިނިސްޓަރުންނާއި ގަވަރުނަރުންނާއި ސްޓޭޓުތަކުގެ ޗީފް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މުރްމޫ އިންތިހާބުވީ އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ގުޅިފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކޮށްގެންނެވެ. އޭނާއާ މި އިންތިހާބުގައި ވާދަކުރެއްވީ ޔުނައިޓެޑް އޮޕޮސިޝަންގެ ކެންޑިޑޭޓް ޔަޝްވަންތު ސިންހާ އެވެ.

އިންޑިއާގެ ރައީސް އިންތިޚާބު ކުރަނީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއާއި މަތިގޭގެ އިތުރުން، ސަރަހައްދީ ޕާލަމެންޓުތަކުގެ ގާތްގަނޑަކަށް 4،000 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

މުރްމޫ ،64، ވެގެން ގޮސްފައިވަނީ އިންޑިއާގެ ރައީސް ކަމަށް އިންތިހާބުވި ދެވަނަ އަންހެން ރައީސަށެވެ. އަދި މިއީ އިންޑިއާގެ ރައީސް ކަމަށް ވަޑައިގަންނަވާ 15 ވަނަ ފަރާތެވެ.