Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ފެނަކަ އިން ކުޑަގިރި އަށް ކަރަންޓް ދީފި

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހެދި ކ. ކުޑަގިރީގައި ފެނަކަ އިން އިމާރާތް ކުރި އިންޖީނުގެ މިއަދު ހުޅުވައިފި އެވެ.

ފެނަކަ އިން ކުޑަގިރީގައި އިމާރާތްކުރި މި އިންޖީނުގެ ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފެނަކަ އިން ބުނީ މިއީ 350 ކިލޯވޮޓްގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީގައި، އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ އިންޖީނުގެއެއް ކަމަށެވެ. އަދި އިންޖީނުގެއާ އެކު 50,000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ގާއިމުކޮށްފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކައިން މިހާރު ވަނީ، ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ޕިކްނިކް އައިލޭންޑް މާދަމާ ހުޅުވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު ވަނީ އެކަން ފަސްކޮށްފަ އެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ހެދުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 6 މަސް ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.

މި މަސައްކަތުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެއެވެ. ޕިކްނިކް އައިލެންޑް މަޝްރޫއުގައި ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.