Last Updated: August 18, 09:53
Thursday, August 18, 2022
ޚަބަރު

ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް: އަދާލަތު

ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނިންމައިފި އެވެ.

ޔޯގާއާ ގުޅޭގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެކުލަވާލި ކަރުދާހެއްގައި ބުނެފައިވަނީ ޔޯގާ ކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ޚާއްޞަ ކަންތައްތަކެއް އިޢުތިޤާދު ކުރުމާއި އެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތައް ޚާއްޞަ ކަލިމަތަކެއް ކިޔަން ޖެހޭ ކަމަށެވެ.

އެގޮތުން އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދު ތަކަށް ބަލާއިރު މީހާ މަރުވުމަށްފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާ އެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުންފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނިގެންވާ ކަމަށް އެކަރުދާހުގައި ބުނެފައިވެ އެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި ޔޯގާ ފެތުރި މަޝްހޫރުވެފައިވަނީ ޞިއްޙީގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ކަމަށާއި މިކަން ހުޅަނގަށް ތަޢާރަފްވީ، ކަމުގެ އަސްލު ގުޅިފައިވީ ހިންދީ ދީނުގެ މުޢައްލިމުންގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ.

"އެބައި މީހުންގެ މަޤްޞަދަކަށް ވެފައިވަނީ އެބައިމީހުންގެ ދީނުގެ މި ޚާއްޞަ އަޅުކަން ފަތުރާ ގިނަބަޔަކަށް ފޯރުކޮށްދިނުން. އެހެންކަމުން ޔޯގާ ގުޅިފައިވަނީ ހިންދީ ޢަޤީދާއަށް ކަމަށް ހުޅަނގުގެ މީހުންވެސް އިޢުތިރާފްވޭ. މި އެންމެހާ ކަންކަމަށް ބަލާއިރު މިއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެންދޭ." އަދާލަތުން ބުނެ އެވެ.

އަދާލަތުން ވަނީ ޔޯގާ އަކީ ވަކި ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށްވެސް ބުނެފަ އެވެ.

"ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވޭ. އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުން. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިން. ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި." އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އަދާލަތުގެ މި ކަރުދާހުގައި ވަނީ ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށް ބުނެފަ އެވެ.

އެގޮތުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަަ އެވެ.