Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ދުވާފަރު ކައުންސިލްގެ ދިފާއުގައި މިނިސްޓްރީ!

ކައުންސިލްގެ ފައިސާ އާއި ޒަކާތުގެ ފައިސާ އަށް ވެސް ރ. ދުވާފަރު ކައުންސިލުން ހިޔާނާތްވި މައްސަލައެއް ފެންމަތިވެ އެކަން މިހާރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ އިރު، އެ ކައުންސިލްގެ ދިފާއުކޮށްދޭ މޭރުމަކުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކައިފި އެވެ.

ދުވާފަރުގެ ކައުންސިލްގެ ހިޔާނާތާ ގުޅޭ ގޮތުން ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600ރ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދުވާފަރު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. އަދި ފިތުރު ޒަކާތަށް ބަހަން ޖެހޭ 54،000ރ. ކައުންސިލް މެމްބަރަކަށް ނަގުދު ފައިސާގެ ގޮތުގައި ހަވާލުކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދުވާފަރު ކައުންސިލުން މި އަހަރުގެ އަހަރުގެ ފިޠުރު އަދި މިދިޔަ އަހަރުގެ މުދަލު ޒަކާތް ވެސް އޭގެ ހައްގުވެރިންނަށް ބެހުމަށް ފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މި މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކަކީ ޒަކާތުގެ ހައްޖުވެރިންނަށް ލިބެން ޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ވެސް ލިޔެކިޔުންތަކެއް ބުންޏެވެ.

"ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި ޢާންމު ރައްޔިތުން މިނިސްޓްރީ އަށް ކުރާ އިތުބާރު ގެއްލޭ ފަދަ މޭރުމުން ޚަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށާއި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ކަށަވަރުކުރެއްވުމަށް ފަހު ނުނީ މިފަދަ ޚަބަރުތައް ޢާންމުނުކުރެއްވުމަށް ނަސޭހަތްތެރިވަމެވެ." މިނިސްޓްރީން ބުންޏެވެ. "އަދި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ހުރިހާ ކައުންސިލްތަކުގައި މި މިނިސްޓްރީން ވާނީ ދަންނަވާފަ އެވެ."

އިސްލާމިކް މިނިސްޓްރީން ބުނީ އަބަދުވެސް ޒަކާތުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ މޮނިޓަކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިޠުރާއި މުދަލުގެ ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކޮށް ދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާއިރު، ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށް ފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، މި މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދުވާފަރު ކައުންސިލްގެ "ބޮޑު ހިޔާނާތް" އޭސީސީން މިހާރު ބަލަމުން އަންނަ އިރު، އެކަން ބެލުމަށް އިންކްއަރީއެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް އެލްޖީއީ އިން ވަނީ ބުނެފަ އެވެ.