މިނިވަން މުސްތަގިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއް ނޫން ކަމަށް ރައީސް އިބްރާހޯމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްހެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް އެކީ-އެއްމާރަކުން ބަނދެވިގެންވާ، ހަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި އެ ދީނުގެ ރިސާލަތާއި ޙިދާޔަތުން ދިވެހި އުންމަތް އެކުއެކީ އަލިވެ އުޖާލާވެގެން ދިއުމަކީ ދެ ދުނިޔޭގައި ވެސް ، ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ނަޞީބާ ރަޙްމަތް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ، މި ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުންނެވެ.
"ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި ، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމެއް. އަދި އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ޙިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާ ޢަޤީދާ އަދި މާތްވެގެންވާ އިސްލާމްދީން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާއި އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކާ ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައިވާ ކަމަށެވެ.
"މިނިވަންކަމަށްޓަކައި، ކޮންމެ ޤައުމެއްގެވެސް ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގެ ދައުރު މުހިއްމު. މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާ، ތަރައްޤީއާ، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް. އަދި ދިވެހި ދައުލަތް ހިނގަމުން ދަނީ ފުރިހަމަ މިނިވަން ކަމާއި އެކުގައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އެންމެ އިސް ޒިންމާ އަކީ ޤައުމުގެ އަމިއްލަ-ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ރެޔާއި ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެ މަސައްކަތް ކަމަށާއި އެތެރެ އާއި ބޭރުން ނުރައްކާކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާ އަބަދު ހޭލާ ތިބެނީ ރާއްޖޭގެ ސިފައިންނާ ފުލުހުން ކަމަށް ވިދާޅުވިއެވެ.
"މިނިވަންކަމަށްޓަކައި މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން އޮތުމުގެ މުހިއްމު. ވިދާޅުވީ، މުޖްތަމަޢުގެ ބައިބައިވުމާ ، ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "ޢާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާއި، ރަށާއި، އަތޮޅާއި، މުޅިޤައުމުގައި ވެސް ހަމަޖެހުން އޮންނަން ޖެހޭނެ. އެއްވެސް ބަޔަކު ބާކީ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައި ނުގަނެވޭނެ."
ރައީސް ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ ކަމަށާއި އެއީ އަޑުއެހުމާ، މަޝްވަރާއާ އިޙްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި އެ މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ ކަމަށް ވެސް ވިދާޅި
އެވެ.
މީގެ އިތުރުން ކިވިޑާ ގުޅިގެންނާއި އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވައި ރައީސް ވިދާޅުވީ ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ މިންވަރާ ގާތަށް ވެސް އަދި ދިވެހިންނަކަށް އަސަރު ނުކުރާ ކަމަށާއި، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށް ވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަ ކަމަށް ވިދާޅުވި އެވެ.
"މި ނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤުތިޞޯދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު. ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާ، އަންނަ ގުޑުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަކީ، އެހިނދަކު ދުނިޔެ އަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނާއިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުމެވެ.