Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ގޮޓަބަޔާ އެނބުރި ވަޑައިގަންނަވާނެ

އިސްތިއުފާ ދެއްވަން އޮތް ދުވަހު ގައުމުން ފިއްލެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ބަންދޫލާ ގުނަވަރުދެނާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސެެއްގައި އޭނާ ވިދާޅުވީ މި ވަގުތު ސިންގަޕޫރްގައި ހުންނެވި ގޮޓަބަޔާ ގައުމަށް ފިއްލެވީ ނޫން ކަމަށެވެ. އަދި އޭނާ ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތަސް ސީދާ ވަކި ތާރީހެއް ދަންނަވަން އަދި ދަތި ކަމަށް ވިދާޅުވި އެވެ.

ގުނަވަރުދެނާ ވިދާޅުވި ގޮތުގައި ގޮޓަބަޔާ ލަންކާ އިން ބޭރަށް ވަޑައިގެންނެވީ އޮންނަ އުސޫލުތަކުގެ ތެރެއިންނެވެ. އަދި އޭނާ ސިންގަޕޫރަށް މި މަހުގެ 14 ގައި ވަޑައިގެންނެވީ ވެސް އުސޫލުތަކާއި ހަމަތަކުގެ މަތިން ކަމަށް ވިދާޅުވި އެވެ. ގޮޓަބަޔާ ރައީސްކަމުން އިސްތިއުފާ ދެއްވީ ސިންގަޕޫރްގައި ހުންނަވަ އެވެ. އޭނަ އެ ގައުމަށް ވަޑައިގަތް ފަހުން، ސިންގަޕޫރް ދޫކޮށް ވަޑައިގަތުމަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވެ އެވެ.

ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރިން އަނބިކަނބަލުންނާއި ދެ ހަށިފާވެރިޔަކާ އެކީ އަސްކަރީ ޖެޓެއްގައި ގޮޓަބަޔާ ވަޑައިގެންނެވީ ރާއްޖެއަށެވެ. އެއީ މި މަހުގެ 13 ވަނަ ދުވަހު މެންދަމު އެވެ. އެ ދުވަހަކީ އޭނާ މަގާމުން އިސްތިއުފާ ވެސް ދެއްވަން އޮތް ދުވަހެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދި ލަންކާ ރައްޔިތުން "ވަގެއް" ގެ ގޮތުގައި ސިފަކުރާ ގޮޓަބަޔާ، 73، އަކީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ވަރަށް އަރިސް ބޭފުޅެކެވެ. ރަނިލް އަކީ ގޮޓަބަޔާގެ ވެރިކަމުގައި މިދިޔަ މެއި މަހު ބޮޑުވަޒީރުކަމަށް އައްޔަންކުރި ބޭފުޅެކެވެ. އަދި ގޮޓަބަޔާ ފިއްލެވުމާ ގުޅިގެން ރައީސަކު އިންތިހާބު ކުރެވެންދެން ވަގުތީ ރައީސެއްގެ ޒިންމާ އަދާކުރެއްވީ ވެސް ރަނިލް އެވެ.