Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ތެލެގު ސަބްސިޑީ އަށް ބަދަލު ގެންނަނީ

ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ އަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އެ ބަދަލު ގެނެސް އެކަން ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

"މިއީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މި ވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ތެލުގެ ސަބްސިޑީ އަށް ސަރުކާރުން މި އަހަރު އަންދާޒާކުރި ވަރު އެތައް ގުނައެއް މަތިވެފައިވެ އެވެ. އަދި ތެލުގެ ސަބްސިޑީ އަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 341.5 މިލިއަން ރުފިޔާ ކަމަށް ވިޔަސް ޖޫން މަހުގެ ނިޔަލަށް އެކަނި ވެސް އެ ކަމަށް 910.3 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުވި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީި ގޮތުގައި ތެލުގެ ސަބްސިޑީގެ ހަރަދު މަތިވީ މި އަހަރުގެ ކުރީކޮޅު ފެށުނު ރަޝިއާ-ޔުކްރެއިންގެ ހަނގުރާމައާ ހެދި އެވެ.

"މިހާރު ލަފާކުރެވޭ ގޮތުން މި އަހަރުގެ ނިޔަލަށް މި ހާލަތުގައި ދާ ނަމަ ޖުމުލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީ އަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ. ""ދިގުލަމުންދާ މި ހަނގުރާމަ އިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނައި ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މި ހާލަތާ ގުޅޭ ގޮތަށް އިގުތިސާދީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ވަގުތު."

ނަމަވެސް ރަޝިއާ-ޔުކްރޭންގެ ހަނގުރާމައިގެ ނޭދެވޭ އަސަރު އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ކުރާ މިންވަރާ ގާތަށް ވެސް އަދި ދިވެހިންނަކަށް އަސަރު ނުކުރާ ކަމަށާއި، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށް ވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސީދާ ބަޖެޓުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މި ވަގުތަށް ވަނީ މަޑުޖައްސާލާފައި. ހަމަ އެއާއެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަން." ރައީސް ވިދާޅުވި އެވެ. "އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ތެލުގެ ސަބްސިޑީ ދިނުމުގެ ސިޔާސަތު އާންމު ކުރަން ސަރުކާރުން ނިންމީ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި."