Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ނަޝީދަށް ފިޔަވަޅު އަޅަން އިޔާޒު ގޮވާލައިފި

ދީނީ ކަންކަމުގައި ބަސް ބުނުމުގެ ހުއްދަ ނެތި ރައްޔިތުންނަށް އޮޅޭގޮތަށް އަމަލުކުރައްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅަން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒު ގޮވާލައިފި އެވެ.

އިޔާޒު މިކަމަށް ގޮވާލާފައިމިވަނީ ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ކަރުދާހެއްގައި ބުނެފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް ނަޝީދު މިއަދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އެގޮތުން ނަޝީދުގެ ޓްވީޓުގައި ވަނީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އެ ޓްވީޓަށް ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އިޔާޒު ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސް ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ނަޝީދު އަމަލުކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގައި ނަޝީދަށް ފިޔަވަޅު އެޅުމަށް އިޔާޒު ވަނީ އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.

އަދާލަތުން ނެރުނު ކަރުދާހުގައި ވަނީ ޔޯގާ އަކީ ވަކި ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ބުނެފަ އެވެ.

"ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވޭ. އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުން. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިން. ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި." އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށް ބުނެފަ އެވެ. އެގޮތުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަަ އެވެ.