ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހައެއްކަ އަހަރުވެފައިވާ ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީގެ ގުޅުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި ޓައިގާގެ ވަރަށް ގާތް އެކުވެރިޔަކު ވެސް އޭނަގެ އެ ވާހަކަ ބުނެފައިވެ އެވެ. އެހެންވެ މިހާރު ޑިޝާ އާއި ޓައިގާ އަކީ ދެ ލޯބިވެރިން ނޫންކަން ކަށަވަރު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ދެ ތަރިން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަނެއްކޮޅުން ފާހަގަކޮށްލެވޭ ކަމަކީ ރައްޓެހިވެގެން އުޅޭ ކަމަކަށް ވެސް އެ މީހުން މިހާތަނަށް ރަސްމީކޮށް އެއްބަހެއް ވެސް ވެފައި ނުވާ ކަމެވެ.
ރާއްޖެ އަށް އެންމެ ގިނައިން އެކީގައި ޗުއްޓީ އަށް އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ އާއި ޑިޝާ ރުޅިވެއްޖެކަމުގެ ވާހަކަތަކެއް ދެކެން ފެށި އިރު، ފާހަގަކޮށްލެވޭ ކަމަކީ ޓައިގާގެ އާއިލާގެ އެންމެންނާ ވެސް ޑިޝާއާ ގާތް ގުޅުމެއް އޮންނަ ކަމެވެ. އޭގެ ތެރޭގައި ޓައިގާ ބައްޕަ ޖެކީ ޝްރޮފާއި މަންމަ އައިޝާ ޝްރޮފްގެ އިތުރުން ޓައިގާގެ ދައްތަ ކްރިޝްނާ ޝްރޮފް ހިމެނެ އެވެ.
ޑިޝާ ވަނީ ޖެކީއާ އެކީ ފިލްމެއްގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "ރާދޭ" އެވެ. އެ ފިލްމުގައި ޖެކި އަކީ ޑިޝާހެ ބޭބެ އެވެ.
ޓައިގާ އާއި ޑިޝާ އެކީގައި 2018 ގެ "ބާގީ 2" ކުޅެފައިވެ އެވެ.
ހުކުރު ދުވަހު ރިލީޒްކުރާ "އޭކް ވިލަން ރިޓާންސް" ގެ ޕްރޮމޯޝަންގެ ތެރޭގައި ބޮލީވުޑް ހަންގާމާ އަށް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއެއްގައި ޑިޝާ، 30، ބުނި ގޮތުގައި އޭނަގެ ނަޒަރުގައި "މިސްޓަ ޔުނިވާސް" އަކީ ޓައިގާ އެވެ. އަދި އަމިއްލަ އަށް ގަަބޫލުކުރާ ގޮތުގައި އެންމެ ރީތި ފިރިހެނަކީ ވެސް ޓައިގާ، 32، ކަމަށް ބުންޏެވެ.