Last Updated: April 25, 08:57
Thursday, April 25, 2024
ދުނިޔެ

ގޮޓަބަޔާ ސިންގަޕޫރްގައި ހުރުން އިތުރުކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ސިންގަޕޫރްގައި ހުންނަވާ މުއްދަތު އިތުރު ދެ ހަފުތާ އަށް އިތުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނީ މި މަހުގެ 14 ގައި ޕްރައިވެޓް ޖެޓެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި ގޮޓަބަޔާ އެ ގައުމުގައި ހުންނަވާ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްދޭން އެދިވަޑައިގަތުމުން އެކަން ހަމަޖައްސައި ދީފައިވާ ކަމަށެވެ.

ނަމަވެސް އޭނާ އެ ގައުމުން ވީހާ ވެސް އަވަހަކަށް ވަޑައިގަތުމަށް ކުރިން ސަރުކާރުން އަންގާފައިވެ އެވެ.

މަގާމުން އިސްތިއުފާ ދެއްވަން އޮތް ދުވަހު "ފިއްލަވައިގެން" އަސްކަރީ ޖެޓެއްގައި ގޮޓަބަޔާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. އެއީ މި މަހުގެ 13 ގަ އެވެ. އޭނައާ އެކީ އަނބިކަނބަލުންނާއި ދެ ހަށިފާވެރިން ވެސް ގެންނެވި އެވެ.

ގޮޓަބަޔާ ސިންގަޕޫރްގައި ހުންނަވާ މުއްދަތު އިތުރު ދެ ހަފުތާ އަށް އިތުރުކޮށްފައި މި ވަނީ ވަރަށް އަވަހަށް އޭނާ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް ލަންކާގެ ސަރުކާރުގެ ތަރުޖަމާނު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ވަޑައިގަންނަވާނެ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށް އިއްޔެ ބޭއްވި ނޫސް ކޮންފަރެއްގައި ތަރުޖަމާނު ބަންދޫލާ ގުނަވަރުދެނާ ވިދާޅުވި އެވެ

ގޮޓަބަޔާ، 73، އަކީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއި ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކުގެ ތުހުމަތުކުރެވޭ ބޭފުޅެކެވެ. ލަންކާގެ ރައްޔިތުން އެދެނީ އޭނާ ގައުމަށް އަނބުރާ ގެނެސް ތަހުގީގު ހިންގައި ހައްގު އަދަބު ދިނުމަށެވެ.

މިހާރު ލަންކާގެ ރައީސަކަށް ހުންނެވި ރަނިލް ވިކްރަމަސިން އަކީ ގޮޓަބަޔާގެ ވަރަށް އަރިސް ބޭފުޅެކެވެ.