Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އިލްމުވެރިންގެ ޔޯގާ ފަތުވާ އަށް ޖަމީލު ތާއީދު

މުސްލިމުންނަށް ޔޯގާ ހަރާން ކަމަށް ރާއްޖޭގެ ގނަ އަދަދެއްގެ ދީނީ އިލްމުވެރިންތަކެއް ފަތުވާ ނެރުނީ ދިރާސާއަކަށް ފަހު ކަމަށްވާތީ އެކަމާ ދެން އެހެން ބަޔަކު ވެސް އެއްޗެއް ބުނަން ޖެހޭނީ ދިރާސާއަކަށް ފަހު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ މައްސަލާގައި ވާހަކަ ދެއްކެވި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ދެން ޔޯގާ މައްސަލާގައި އެއްޗެއް ވިދާޅުވާން ޖެހޭނީ ދިރާސާ އަށް ބިނާކޮށް ކަމަށާއި އިލްމީ މައިދާނުގައި ކަން އޮންނަ ގޮތަކީ އެއީ ކަމަށެވެ.

މައުމޫން ވިދާޅުވެފައިވާ ގޮތުގައި ޔޯގާ ހެދުމުގައި ޝިކުރުގެ އަމަލެއް ނުހިމެނޭ ނަމަ ކަސްރަތެއްގެ ގޮތުގައި ޔޯގާ ހެދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި ޔޯގާ އާއި އިސްލާމް ދީނާ ގުޅުވައގެން ވާހަކަ ދެއްކޭނެ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ޔޯގާ އަކީ ހަރާން ކަމެއް ބުނެ އަދާލަތު ޕާޓީގެ އިލްމުވެރިން ނެރުނު ރައުޔާ ގުޅިގެން ނަޝީދު ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ. ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން ދީނީ އިލްމުވެރިންގެ ބޮޑެތި ކިޔުންތައް އަމާޒުވެ، ނަޝީދަށް ފިޔަވަޅު އަޅަން ވެސް ގޮވާލާފައިވެ އެވެ.

މީގެ އިތުރުން މައުމޫން ޔޯގާއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދި އެވެ.

ޔޯގާ މައްސަލާގައި ރާއްޖޭގައި 104 ދީނީ އިލްމުވެރިޔަކު އިއްޔެ ނެރުއްވި ފަތުވާއެއްގައި ވަނީ އެއްވެސް ހައިސިއްޔަތަކުން ޔޯގާ ހެދުމަކީ މުސްލިމުންނަށް ހަރާން ކަމަށް ބުނެފަ އެވެ.