Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އެމެރިކާ އިން ރާއްޖެ އަށް ސަފީރެއް ކަނޑައަޅަނީ

ހޫގޯ (ކ) އެމެރިކާގެ އޮފިޝަލަކާ އެކީ.

އެމެރިކާ އިން މުޅިން އަލަށް ރާއްޖެ އަށް ސަފީރަށް ކަނޑައަޅަން ނިންމައިފި އެވެ.

މިގޮތަށް ނިންމި އިރު، އެ ގައުމުގެ އެމްބަސީއެއް ވެސް ރާއްޖޭގައި ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމިކަން އެ ގައުމުން އިއުލާންކުރީ 2020 ގެ ސެޕްޓެމްބަރު މަހު އެވެ.

އެކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ރައީސް ޖޯ ބައިޑެން އިއްޔެ ވަނީ އެމެރިކާ އިން ރާއްޖެ ސަފީރެއްގެ ގޮތުގައި ކަނޑައަޅާނެ ބޭފުޅެއްގެ ނަން ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ ހޫގޯ ޔޫ-ހޯ ޔޮން އެވެ. އޭނަގެ ނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ބައިޑެން ނިންމަވާފައިވާކަން ވައިޓް ހައުސް އިން އިއްޔެ ބުނެފައިވެ އެވެ.

އުމުރުން 54 އަހަރުގެ ހޫގޯ މިހާރު ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީސް އޮފް ދަ އަންޑަސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު، އެނަޖީ އެންޑް އެނަވަޔަރަމަންޓުގެ ސީނިއާ އެޑްވައިޒަރުގެ މަގާމުގަ އެވެ. ކެލިފޯނިއާ ޔުނިވަސިޓީން ޕޮލިޓިކަލް އިކޮނޮމީން ބީއޭ ހާސިލުކޮށްފައިވާ ހޫގޯ އަކީ އެމެރިކާގެ އިސް ޑިޕްލޮމޭޓެކެވެ. އެގޮތުން އެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް މިހާތަނަށް ކުރައްވާފައިވެ އެވެ.