Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ފޮޓޯ: އަދަދު

ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ޖޫން 21 ވަނަ ދުވަހު ނެޝަނަލް ސްޓޭޑިއަމްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔަގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކީ މި ހަރަކާތް ރާވާ ހިންގި މީހެކެވެ.

ޔޯގާ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. އަދި އޭގެތެރެއިން ބައެއް މީހުން ދޫކޮށްލާފައިވެއެވެ. މިމައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.