Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދީނުގައި ހަރާމް ނޫން ކަމެއް ހަރާމްކޮށްގެން ނުވާނެ: އަމްރު

އެސްޓިއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު، ފޮޓޯ: މިހާރު

ދީނުގައި ހަރާމްނުވާ ކަންކަން ހަރާމްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ ރާއްޖޭގައި ޔޯގާގެ މައްސަލައިގައި އިލްމުވެރިންގެ މެދުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނަނިކޮށެވެ.

އަމްރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ދީނުގަ ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ދީނުގަ ހަރާމްނުވާ ކަންކަން ހަރާމްކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދެ މީހަކު އެއްވެލާފަ ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫން ކަމަށްވެސް އަމްރު ވިދާޅުވިއެވެ. އަދި ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮންނަ ކަމަށާއި، އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މަުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ.

ޔޯގާގެ މައްސަލައިގައި ޔޯގާ އަކީ ހަރާންކަމެއް ކަމަށް 100 އަށް ވުރެއް ގިނަ އިލްމުވެރިން ސޮއިކޮށް ލިޔުމެއް ނެރެފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކައާ ދެކޮޅަށްވެސް ވާހަކަ ދައްކަވާ ބޭފުޅުން އުޅުއްވައެވެ.

މިކަމުގައި ފަތުވާ މަޖިލީހުން އަދިވެސް ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، ރައްޔިތުންގެ މެދުގައި މިކަމުގައި ހިޔާލު ވަރަށްބޮޑަށް ތަފާތުވާންވަނީ ފަށާފައެވެ.