Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ހުކުމްތައް ނެރޭނީ ފަރުދުން އަމިއްލައަކަށް ނޫން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

ހުކުމްތައް ނެރޭނީ ފަރުދުން އަމިއްލަ އަމިއްލައަށް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ޔޯގާ މައްސަލައިގައި އެކި ފަރާތްތަކުން ދެކޭގޮތް ފަތުވާއާއި އެކި ލިޔުންތަކެގެ ގޮތުގައި ނެރެމުން އަންނަނިކޮށެވެ.

ވައްޑެގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމީ އަދި ޤާނޫނީ ދައުލަތެއްގައި ހުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިން ކަމަށެވެ. އެކަން ކުރާޏީ ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނޫން ކަމަށެވެ.

ކޮންމެ މީހަކު ދައުލަތުގެ ނިޒާމުން ބޭރުން ކަންކަން ނިންމަން ފަށައިފިނަމަ ދައުލަތެއްގެ ބޭނުން ކެނޑި ހިނގައިދާނެ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އަދި ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް، ރައްކާތެރިކަމެއް، އަދި މިނިވަންކަމެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އަދާލަތު ޕާޓީ އާއި އިތުރު އިލްމުވެރިންތަކެއް ލިޔުންތަކެއް ނެރެފައިވާއިރު، މިފަދަ ކަންކަމުގައި ރާއްޖޭގައި ފަތުވާ ނެރެން އޮތް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އިން އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.