ޔޯގާ އާ ގުޅިގެން ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް އާންމު ކުރެއްވި ލިޔުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ، ޔޯގާއާ ގުޅިގެން ރައީސް މައުމޫންގެ ކަރުދާސް އާންމު ކުރި އެމްއާރްއެމްގެ ބަޔާނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
MRM ge bayaanah alhugandu furihama ah thaeedh kuran https://t.co/IOWK3x976s
— Mohamed Nasheed (@MohamedNasheed) July 28, 2022
އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ، ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އިޖުތިމާއީ އަދި ދީނީ ބައެއް ކަންކަމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި، ހިޔާލުތަފާތުވުމާއި ކަންބޮޑުވުން އުފެދޭ ގޮތަށް، ބައެއް ފަރާތްތަކުން ދީނީ ނަޒަރުން ރައުޔުތައް ނެރުން އާންމުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާ އެކަށޭނަ ދިރާސާއަށްވުރެއް އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުރުތަކަށް ވެފައިވާ ކަމަށެވެ.
އެމްއާރްއެމްގެ ބަޔާނާއެކު އާންމު ކޮށްފައިވާ ރައީސް މައުމޫންގެ ދިރާސީ ކަރުދާހުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހަރާމް ހަލާލްގެ ހުކުމް އިއްވުމުގެ ބާރު އޮންނަނީ، ހަމައެކަން މާތް ﷲ އަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޤައުމީ ނުވަތަ އިޖްތިމާއީ މުނާސަބުތަތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާ ގޮތެއްގެމަތިން، ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓައި ކުރެވޭ ކަސްތަކުތަކާއި، ލަވަކިޔުމާއި، މިއުޒިކު ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެ ކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށް ވާނަމަ، އެ ކަމެއް ހަރާމް ވާނެކަން ޔަގީން ކަމަށް ރައީސް މައުމޫންގެ ދިރާސާ ކަރުދާހުގައި ވިދާޅުވެފައިވެއެވެ.
މިމައްސަލައިގައި ރައީސް މައުމޫން ދިރާސާ ކަރުދާހެއް ނެރުއްވާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ބުނެ އަދާލަތު ޕާޓީ އާއި އިތުރު އިލްމުވެރިންތަކެއް ލިޔުންތަކެއް ނެރެފައިވެއެވެ. މިފަދަ ކަންކަމުގައި ރާއްޖޭގައި ފަތުވާ ނެރެން އޮތް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އިން އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.