ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ލިވާތާ ގުޅޭ އެހެން މައްސަލަތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ފަށައިފި އެވެ.
އަލަމްގީރް މައްސަލާއާ ގުޅިގެން މިއަދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު މިއަދު އިތުރު ބަޔަކު ވެސް ހައްޔަރުކުރަން ފުލުހުން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.
އަލަމްގީރް، 25، އާ އެކީ ގުޅުން ހިންގި މީހުންގެ ބައެއް ވީޑިއޯތައް ލީކްކޮށްފައިވާ އިރު، އޭގެ ތެރޭގައި މިހާތަނަށް ހިމެނެނީ ހަތަރު ވީޑިއޯއެކެވެ. އެއީ ކާނަލް ފެންނަ ވީޑިއޯއަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ފެންނަ ވީޑިއޯއަކާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިފުޅު އައްފާން އަބްދުއްސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި މީހުން ހައްޔަރުކުރަން ފެށި އިރު، އޭނާ މި މަހުގެ 12 ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަޑު އަރާފައިވާ ގޮތުން އަލަމްގީރާ އެކީ 250 އެއްހާ މީހުން ގުޅުން ހިންގާފައިވެ އެވެ.

މީގެ އިތުރުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުށް ނަސީރު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ލީކްވެފައިވެ އެވެ.
މި މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރުކުރަން ފެށި އިރު، އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި މިހާރު ފެތެރެމުންދާ ބައްޔެއް ކަމަށްވާ މަންކީޕޮކްސް ކަމަށް ބެލެވޭ ކޭހެއް މިއަދު ރާއްޖޭން ފެނުމާ ގުޅިގެން އެކަން ކަށަވަރުކުރމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.