Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ޖަމީލުގެ ރައްދެއް ނަޝީދަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަކުރީ ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރު މީހުންގެ ރުއްސަން ކަމަށް ވިދާޅުވެ ރޭ ކުރެއްވި ޓްވީޓާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްދެއް ދެއްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ހައްޔަރުކުރުން ލަސް ވެސްވެއްޖެ ކަމަށާއި ކޮއްކޮގެ ދިފާއުގައި ނަޝީދު ނުކުންނަވާނެ ކަމަށެވެ. އަދި ކޮއްކޮ ހައްޔަރުކުރުން ނަޝީދު ސިފަކުރައްވާނީ ވެސް ދީނާ ގުޅުވައިގެން ބަޔަކު ރުއްސަންކުރި ކަމެއްގެ ގޮތުގައި ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އެ މޭރުމުން ނަޝީދު ވާހަކަ ދައްކަވާ އިރު އަސާސެއް ނެތި ބޭއިންސާފުން ދީނީ އިލްމުވެރިންތަކެއް ހައްޔަރުކުރުމުން މައްސަލައަކަށް ނުވޭ." އޭނާ ވިދާޅުވި އެވެ

ކޮއްކޮގެ ދިފާއުގައި ނަޝީދު ރޭ ކުރެއްވި ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އިނގިރޭސި ބަހުން އެ ޓްވީޓްކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ހައްގެއް ކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަޕޯޓް ހޯދަން ކަމަށް އިދިކޮޅު ބައެއް މީހުން ބުނެފައިވެ އެވެ.

ބަންގަލްދޭޝްގެ އެމްޑީ އަލަމްގީރް، 25، އާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ރޭ ނާޒިމް ހައްޔަރުކުރީ "ފިލަން" ރިސޯޓަކަށް ގޮސް އުޅެނިކޮށް، ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނަ އަކީ މިހާރު ފެންމަތިވެފައި އޮތް އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑު މައްސަލަގަނޑު ހިލުނު އިރު، އަލަމްގީރާ އެކީ ގުޅުން ހިންގި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ވީޑިއޯ އާންމުވި މީހާ އެވެ.