ރައްޔިތުންގެ މަޖިލިސްގެ އައްޑޫގެ ހަތަރު ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ ކެންޑިޑޭޓުންގެ ގޮނޑި ގެއްލިއްޖެ އެވެ.
މިއަދު ބޭއްވި މަޖިލިސް އިންތިހާބްގައި ގޮނޑި ގެއްލިފައި ވަނީ މިހާރު ހުޅުމީދޫ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ އިލްޔާސް ލަބީބް އާއި ފޭދޫ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ އަލްހާން ފަހުމީ އާއި މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ ހަސަން އާދިލް އާއި ހިތަދޫ ދެކުނު ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ ހަސަން ލަޠީފެއެވެ.
އިލްޔާސް ލަބީބް އާއި ވާދަކޮށް އެ ދާއިރާގެ ގޮޑި ކާމިޔާބްކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން ނިކުތް ހުޅުދޫ، މޭވާގަސްދޮށުގޭ މުހައްމަދު ޝާހިދް (ޝާޑް) އެވެ. ޝާޑަށް މިހާތަނަށް 930 ވޯޓު ކަށަވަރުވެފައިވާއިރު އިލްޔާސްއަށް ލިބިވަޑައިގެންފައި ވަނީ 820 ވޯޓެވެ.
ފޭދޫ ދާއިރާގެ އަލްހާންއަށް އެމްޑީޕީގެ ޕާޓީ ޓިކެޓް ލިބިވަޑައި ނުގަތުމާއި ގުޅިގެން އަމިއްލަ ހައިސިއްޔަތުން ނިކުމެ ލިބިފައިވަނީ އެންމެ 78 ވޯޓެވެ. އެއީ އެމްޑީޕީ ޕްރައިމަރީގައި ލިބުނު ވޯޓަށްވުރެވެސް މަދު އަދަދެކެވެ. އެދައިރާގެ ގޮޑި ޕީޕީއެމްގެ އިބްރާހިމް ދީދީ (އައިބީ) ކާމިޔާބް ކޮށްފައިވަނީ 1111 ވޯޓުންނެވެ. އެމްޑީޕީގެ މުހައްމަދު ނިހާދުއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 1070 ވޯޓެވެ.
މަރަދޫ ދާއިރާގެ ހަސަން އާދިލް އެމްޑީޕީގެ އިބްރާހިމް ޝަރީފް އާއި ވާދަކޮށް ލިބިވަޑައިގަތީ އެންމެ 600 ވޯޓެވެ. ޝަރީފްއަށް 825 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
ހިތަދޫ ދެކުނު ދާއިރާގެ ގޮޑި ހަސަން ލަޠީފަށް ގެއްލިފައިވަނީ 863 ވޯޓު ލިބިވަޑައިގެންނެވެ. އެމްޑީޕީގެ އަލީ ނިޒާރުއަށް 1086 ވޯޓު ލިބިލެއްވި އިރު އަމިއްލަ ގޮތުން ކުރިމަތިލެއްވި ޗާނދަލިއާ އަހުމަދު ހަސަން ވަނީ 205 ވޯޓު ހޯއްދަވާފައެވެ. އަދި އަމިއްލަ ކެންޑިޑޭޓް ޑރ. އަލީ ޝަރީފްއަށް ވަނީ 136 ވޯޓު ލިބިވަޑައިގެންފައެވެ.
ހަސަން ލަޠީފްއަށް ގޮޑި ގެއްލުނު މައިގަނޑު ސަބަބެއްކަމަށް ޕީޕީއެމްއާއި "ހާއްސަ" ގާތްކަމެއް އޮންނަ ޗާނދަލިއާ އަހުމަދު ހަސަން އާއި ޑރ. އަލީ ޝަރީފް އަމިއްލަ ގޮތުން ވާދަކުރެއްވުން ހިމެނެއެވެ.
އައްޑޫގެ ހަތް ދާއިރާގެ ތެރެއިން އެމްޑީޕީން 5 ދާއިރާ ކަށަވަރުކޮށްފައިވާ އިރު ޕީޕީއެމްއަށް ލިބިފައިވަނީ ދެ ގޮޑިއެވެ. ޖުމްހުރީ ޕާޓީން ނިކުންނެވި 3 ކެންޑިޑޭޓުންވަނީ ފެއިލްވެފައެވެ.