Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ފޭދޫ ސޮކާ ކަޕް: ދެވަނަ މެޗުން ޒެފިޔާ މޮޅުވެއްޖެ

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް"ގެ ދެވަނަ މެޗު އެފްސީ ޒެފިޔާ އިން ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ ދެވަނަ މެޗު ޒެފިޔާ އިން ކާމިޔާބުކުރީ ފްރެންޑްސް ކްލަބާއި ބައްދަލުކޮށް 3-1 އިންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ޒެފިޔާ އިން ޖެހި ތިން ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދާއި، ހުސެއިން ފަސާހް އަދި އަހުމަދު ނާޝިދެވެ. ފްރެންޑްސް ކްލަބުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ބަލްސަމް އަލީ އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. އެގޮތުން މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކަމަށްވާއިރު ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.