Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

މަޖިލީހުގެ ރައީސަކަށް ރަނގަޅީ ގާސިމް: މޮސްޓާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަން އެމްޑީޕީގެ މެމްބަރުންތަކެއް މިހާރު މަސައްކަތް ފަށާފައިވާ އިރު، މަޖިލީހުގެ ރައީސަކަށް ދެން ގެންނަން އެންމެ ރަނގަޅީ މާމިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި މޮސްޓާ ކުރެއްވި ޓްވީޓެއްގައި އެ ވާހަކަ ވިދާޅުވެފައިވާ އިރު، މަޖިލީހުގެ ރައީސަކަށް ދެން ގެންނަން ރަނގަޅު ބޭފުޅަކާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ވެސް މިހާރު ވަނީ ބަހުސެއް ފެށިފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ގާސިމަކީ ކުރިން ވެސް މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއްކަމެވެ. އެއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބޮޑު މަސައްކަތް ހިނގައި ދިޔައީ ގާސިމް އެ މަގާމުގައި ހުންނެވި އިރު އެވެ.

ގާސިމް މަޖިލީހުގެ ރައީސްކަމަށް ރަނގަޅު ކަމަށް ބައެއް މީހުން ދެކޭ އިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ ހާޒިރީ އަށް އެންމެ ދަށް އެއް ބޭފުޅަކީ ގާސިމްކަމެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމާ ގުޅޭ މަސައްކަތްތަކެއް ފެށިފައި މި ވަނީ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރައީސްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުވައިފަ އެވެ. އެގޮތުން ރައީސް ޒިނޭކޮށްފައިވާ ކަމަށާއި ރާ ވެސް ހިއްޕަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަޝީދުގެ މި ވާހަތަކާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ އިތުރުން ވަރަށް އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ވެސް ނަޝީދަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

ނަޝީދުގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ބޮޑުބޭބެ ވިދާޅުވީ އީވާ އަބްދުﷲ އެވެ.