މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 16:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށވެެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ، 11:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާއިރު މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުންވަނީ މިއަދާއި އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.