Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ބްރިޖް މަޝްރޫއު ފެށުން ރައީސްގެ އިންޑިއާ ދަތުރުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ އިންޑިއާ އަށް ފައްޓަވާ ރަސްމީ ދަތުރުގެ ތެރޭގައި އެ ގައުމުގެ އެހީގައި ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖް މަޝްރޫއު ރަސްމީކޮށް ފައްޓަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ވާހަކަ އިންޑިއާގެ ބައެއް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. ރައީސް މާދަމާ އިންޑިއާ އަށް ފައްޓަވާ ހަތަރު ދުވަހުގެ ދަތުރަކީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާވެރިންނާ އެކީ ބޮޑު ވަފުދެއް ބައިވެރިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރު ވަނީ ނިމިފަ އެވެ. ގްރޭޓަ މާލެ ސަރަހައްދު ގުޅައިލާ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ޕްރޮޖެކްޓަށް ހޭދަކުރެ އެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެވެ.