Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ގާސިމާއި ނާޒިމަކީ ވެސް ގައްދާރުން: ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީީގެ ލީޑަރު މުހައްމަދު ނާޒިމަކީ މަރުދުވަހާ ހަމައަށް ވެސް ގައްދާރުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.

ޓްވީޓެއް ނުކުރައްވާތާ ގިނަ ދުވަސްތަކެއް ފަހުން ޔާމީން އެ މަނިކުފާނު ޓްވިޓާގައި ބަސްމަގު ގެންގުޅުއްވާ "ސްޓައިލް" ގައި މިއަދު ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތަށް ގައުމު ވައްޓަވާލެއްވުމުގައި ބައިވެރިވެވަޑައިގެން މިހާރު "ތަންކޮޅެއް" ދުރުގައި ތިއްބެވިޔަސް ގާސިމާއި ނާޒިމް ފަދަ ބޭބޭފުޅުންނަކީ ގައުމަށް ގައްދާރުން ކަމަށެވެ.

އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ ކުރިން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރެކެވެ.

އަދާލަތު ޕާޓީ އަށް އިޝާރާތްކުރައްވައި ޔާމިން ވިދާޅުވީ އެ ޕާޓީ އޮތީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ނިވަލުގައި "ސަލާމަތް" ހޯދައިގެން ކަމަށެވެ.

އެ ޕާޓީ އަކީ ކޯލިޝަނުގައި އޮވެ، އަދި ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް، ގައުމުގައި ހިންގަމުންދާ ފާހިޝް ކަންކަމާ ގުޅޭ ގޮތުން ހައްގު ބަސް ނުބުނެ، އަދި އެތަކެއް ޖަރީމާތަކާއި ފާހިޝް އަމަލުތައް ހިންގާ އިރު ވެސް އެކަމާ ދެކޮޅަށް އިމްރާން ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. އަދި އިސްލާމް ދީނަށްޓަކައި މަސައްކަތްކުރާ ޕާޓީއެއް ކަމަށް ދައްކަން އުޅުނަސް އެ ޕާޓީގެ މިހާރުގެ މިސްރާބަކީ ސިޔާސީ މަންފާ ހޯދުން އެކަނި ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.