ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތު މެނޭޖް ކުރަމުން ދަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.
"މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމުގައިވެސް ފާހަގަކުރަން. 2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެކަށައެޅިފައިވާނެ. އަދި މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކުރެވިފައިވާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.
އަދި ސަރުކާރުން އިޤްތިސާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން ކަމަށާއި މިގޮތުން ކޮވިޑް-19 އާއެކު ދިމާވި އިޤްތިސާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ މުސްތަޤްބަލުގައިވެސް، ރާއްޖެއިން އިޤްތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމަށެވެ.