ހަލުވި މިނެއްގައި ފެތުރެމުންދާ މަންކީޕޮކްސްއަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓް ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ވަނީ މަންކީޕޮކްސްއަށް ޓެސްޓް ކުރާ 250 ކިޓް ހަދިޔާކޮށްފައެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިތުރު ޓެސްޓް ކިޓްތަކެއް ކުރިއަށްއޮތް ހަފްތާގެ ތެރޭގައިވެސް ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރާނެ ކަމަށެވެ.
މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯ އިން މިގޮތަށް ކަނޑައެޅީ މަންކީޕޮކްސްގެ ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަމުންދާތީ އެ ޖަމިއްޔާގެ އެމަޖެންސީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައެވެ.
މަންކީޕޮކްސް މީގެ ކުރިން ބޮޑަށް ފެނިފައި ވަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ދުރު ހިސާބުތަކުން ނަމަވެސް މި ބަލީގެ ކޭސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު އަންނަނީ ފެންނަމުންނެވެ.
މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމު ވެފައިވާއިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.