Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ހެއްކާ ބެހޭ ގާނޫނު އިސްލާހުކޮށް ދޭނަން: ރައީސް

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނު މިހާރު ތަސްދީގުކޮށްފައި އޮތަސް އޭގައި ހުރި ނޫސްވެރިން ކަންބޮޑުވާ ކަންތައްތައް އިސްލާހުކުރަން މަސައްކަތްކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި އެ މީހުން ތަމްސީލުކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ބިލް ރައީސް ތަސްދީގުރެއްވީ މި މަހުގެ 18 ގަ އެވެ.

އެހެންވެ އެކަމާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައިސާ މިއަދު ހެނދުނު ރައީސް އޮފީހުގައި ހިއްސާކޮށްފައިވެ އެވެ. އެ ބައްދަލުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި, ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޖޭއޭ އިން ފާހަގަކުރި ގޮތުގައި ގާނޫނުގައި މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން، ޤައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ކަންބޮޑުވެ އެވެ.

ރައީސް ވަނީ ހެއްކާ ބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން ސާފުކޮށްދެއްވައިފައެވެ. ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މި ސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް ހުރިހާ ފަރާތްތަކަކަށް ވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ވާހަކަތައް އަޑުއައްސަވައި، ރައީސް ވިދާޅުވީ ހެއްކާ ބެހޭ ޤާނޫނުގެ ދަށުން މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ޤައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށް، ޤާނޫނު އިސްލާޙުކުރެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަަމަށެވެ. މީގެ އިތުރުން މިހާރު އެކުލަވާލަމުން އަންނަ މީޑިއާގެ ދައުރާ ބެހޭ ބިލާ ގުޅޭ ގޮތުން ވެސް ނޫސްވެރިންގެ ޚިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ރިފްޢަތު ވަނީ ހެއްކާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް އަދި ހަ މަސް ދުވަސް އެބައޮތްކަން ފާހަގަ ކުރައްވައި،
ވިދާޅުވީ ހެއްކާއި ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ. އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމަށެވެ.