ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައިސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް މިއަދު އޮންލައިންކޮށް ފެށި ޕެޓިޝަނުގެ ފުރަތަމަ ޓާގެޓް ހާސިލުވެ މިހާރު 500 ސޮޔަށް އަމާޒު ހިފައިފި އެވެ.
"#އިމްޕީޗް ނަޝީދު" ގެ ނަމުގައި ޗޭންޖް. އޯގްގައި މިއަދު ހެނދުނު މި ޕެޓިޝަން ފެށީ އިރު އަމާޒަކަށްވީ 100 ސޮއި ހޯދުމެވެ. އަދި އެ ޓާގެޓް ހާސިލުވުމާ އެކު 500 އަށް ސޮޔަށް އަމާޒު ހިފާފައިވާ އިރު މިހާރު ވެސް 400 އަށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ. ބެލެވޭ ގޮތުން މާ ގިނަ އިރުތަކެއް ނުވަނީސް 500 ސޮއި ވެސް ހަމަވާނެ އެވެ.
We urge everyone to Sign this Petition!https://t.co/80iIArt9f3#ImpeachNasheed
— Ali Zaid (@alizaid1000) July 31, 2022
ޕެޓިޝަންގައި ބުނެފައި ވަނީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ބޭނުން ވަނީ އިސްލާމް ދީނަށް ގޮންޖައްސަވައި ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުކުރަމުންދާތީ ކަމަށެވެ. ނަޝީދާއި އީވާއާ ދެކޮޅަށް މިފަދަ ޕެޓިޝަނެއްގެ މަސައްކަތް ފެށި އިރު، ނަޝީދު ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް މިހާރު ގެންދަވަނީ ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަސައްކަތްކުރަމުންނެވެ.
ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރުމާ ގުޅިގެން ކޯފާ އިސްކުރައްވައި ރައީސްގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް ވެސް އަޅުވައިފަ އެވެ. އެގޮތުން ރައީސް ޒިނޭކޮށްފައިވާ ކަމަށާއި ރާ ވެސް ހިއްޕަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ އިތުރުން ވަރަށް އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ވެސް ނަޝީދަށް އަމާޒުވެފައިވެ އެވެ.